Шаблон:Redirect Шаблон:Infobox Mountain
ބުނެވޭ ގޮތުގައި ދުނިޔޭގައިވާ އެންމެ އުސް ހިސާބަކީ އެވަރެސްޓް ފަރުބަދަ ހިމެނޭ ހިސާބެވެ. އަދި މިއީ ދުނިޔޭގައިވާ އެންމެ އުސް ފަރުބަދަ ވެސް މެއެވެ. އޭގެ އުސްމިނުގައި 8848 މީޓަރު ހުރެއެވެ. މި ފަރުބަދަ އޮންނަނީ ނޭޕާލް އަދި ޗައިނާ ވަކިކޮށްދޭ ބޯޑަރު ގައެވެ.
އެވަރެސްޓް ފަރުބަދަ އަށް ނޭޕާލްގައި ކިޔަނީ ސަގަރްމަތާ އެވެ. މާނައަކީ އުޑުގެ ނިއްކުރި އެވެ. މިނަން ކިޔުނީ 1960ގެ އަހަރު ތަކުގެ ތެރޭގައި ނޭޕާލް ބަހުން ފަރުބަދަ އަށް މުޚާޠަބު ކުރާނޭ ނަމެއް އުފެދިފައި ނެތުމުންނެވެ. އެންމެ ކުރީ ޒަމާނުގައި މިފަރުބަދައަށް ދޭވް ގިރީ އޭ ކިޔާފައި ވެއެވެ. މާނައަކީ މުޤައްދަސް ފަރުބަދަ އެވެ.
އެވަރެސްޓް މިނަން ފަރުބަދަ އަށް ދިނީ އެވަރެސްޓް ފަރުބަދައިގެ ދިރާސާތައްކޮށް ހޯދުމަށް ނޭޕާލަށް ދިޔަ އިގިރޭސި ސާވޭޔަރ ޖެނެރަލް އެއްކަމުގައިވާ އެންޑްރޫ ވޯރ އެވެ. މިނަން ނިސްބަތްވަނީ އޭނާއަށް އިރުޝާދު ދިން އިގިރޭސި ކާނަލް އެއް ކަމަށްވާ ޖޯޖް އެވަރެސްޓް އަށެވެ. އެންޑްރޫ ވޯރ މިނަން ދިނީ ޖޯޖް އެވަރެސްޓް އެފަރުބަދައަށް މޮންޓް އެވަރެސްޓް ކިޔާފައިވާތީ އެވެ. އަދި ފަހުން މައުންޓް އެވަރެސްޓް މިނަމަށް ބަދަލުވެގެން އައީ އެވެ.
އެވަރެސްޓް ފަރުބަދައިގެ މައްޗަކީ ދުނިޔޭގެ އެންމެ އުސް ހިސާބުކަން ހޯދައި އެކަން ޢާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނައީ 1852 ވަނަ އަހަރު އިންޑިޔާގެ ހިސާބު ޢިލްމުވެރިއެއް ކަމުގައިވާ ރަދާނަތު ސިކްދަރު އެވެ. ފަރުބަދައިގެ އުސްމިނުގައި ހުރިކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 8848 މީޓަރު އެވެ. މިއަދަދު ފުރަތަމަ ކަނޑައެޅީ 1955 ވަނަ އަހަރު އިންޑިޔާގެ ސާވޭ ޓީމަކުންނެވެ. އެއަށްފަހު 1975 ވަނަ އަހަރު ޗައިނާގެ ޓީމަކުން ވެސް ވަނީ ކުރިން މިބުނި މިން ފަރުބަދައިގެ އުސްމިނުގައި ހުންނަކަމަށް އިޢުލާން ކޮށްފައެވެ.
22މެއި 2005 ގައި ޗައިނާގެ ޓީމަކުން ފަރުބަދައިގެ އެންމެ މައްޗަށް ގޮސް އޭގެ އުސްމިން ނެގުމަށްވަނީ އުދަގޫ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިޓީމްގެ ފަރާތުން 9 އޮކްޓޯބަރު 2005 ގައި އިޢުލާން ކުރިގޮތުން ފަރުބަދައިގެ އުސްމިނުގައި ހުރީ 8844.43 މީޓަރު އެވެ. ބުނެވޭގޮތުގައި މިތަފާތަކީ ފަރުބަދަ އޭގެ ގާގަނޑުގެ ސިފައިގައި ވަނިކޮށް މިންބެލުމާއި، އަދި ފަރުބަދައިގައި ސްނޯ އާއި، އައިސްގަނޑު ގަނޑު ހަރުލާފައި ވަނިކޮށް މިންބެލުމުން އަންނަ ތަފާތެވެ.
އެވަރެސްްޓް ފަރުބަދައަށް އެެރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ އޮންނަނީ ދެމަގެވެ. އެއީ އިރު ދެކުނު ފަޅިން ނޭޕާލުން އެރެން އޮންނަ މަގަކާއި، ހުޅަގު އުތުރުން ޓިބެޓުން އެރެން އޮންނަ މަގެކެވެ. މީގެ އިތުރުން އާންމުކޮށް އަރައި ނޫޅޭ މަގުތައް ވެސް ހުރެއެވެ. މިދެމަގުގެ ތެރެއިން ނޭޕާލުން އެރެން އޮންނަ މަގަކީ ފަސޭހަ އަދި ގިނަބަޔަކު ފަރުބަދަ އަށް އަރަން ބޭނުންކުރާ މަގެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
8 ޖޫން 1924 ގައި އިގިރޭސި ވިލާތުގެ ޖޯޖް މެލޮރީ، އަދި އެންޑްރޫ އާރވިން އެވަރެސްޓް ފަރުބަދައިގެ އެންމެ މައްޗަށް އެރުމަށް މަސައްކަތް ފެށިއެވެ. ނަމަވެސް އެމީހުންނަށް އެބުރި ތިރިއަށް އާދެވޭގޮތެއް ނުވިއެވެ. ބުނެވޭގޮތުގައި އެމީހުން ފަރުބަދައިގެ މަތީ ހިސާބެއްގައި މަރުވެ ދިޔައީއެވެ. ޖޯޖް މެލޮރީ މަރުވީ ފައިބާން އުޅެނިކޮށް ވެއްޓިގެން ކަމަށް ވެއެވެ. އާރވިންގެ ހަށިގަނޑު 1960ގެ އަހަރުތަކުގެ ތެރޭގައި ފަރުބަދައަށް އަރަން އުޅުނު ޗައިނާ މީހަކު ވަނީ ހޯދާފައެވެ. 1995 ވަނަ އަހަރު އިގިރޭސި ވިލާތުގެ ޖޯޖް މެލޮރީ-2 ފަރުބަދައިގެ އެންމެ މައްޗަށް އަރާފައި ވެއެވެ. މިއީ ޖޯޖް މެލޮރީ-1 ގެ ކާފަ ދަރިއެކެވެ.
1938 ވަނަ އަހަރު ބިލް ޓިލްމަންގެ ލީޑަރު ކަމުގެ ދަށުން ޓިބެޓާވީ ފަޅިން ފަރުބަދައަށް އެރުމަށް މަސައްކަތް ފެށިއެވެ. އެފަހަރު ސަޕްލިމެންޓަލް އޮކްސިޖަން ބޭނުންކުރުމަކާއި ނުލައި 27 ހާސް ފޫޓް މައްޗަށް ޓިލްމަންގެ ޓީމް ވާޞިލް ވިއެވެ. އެއަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން އެމީހުންނަށް ޖެހުނީ މައްޗަށް ނާރައި ތިރިއަށް ފައިބާށެވެ. އެއަށްފަހު 1950 ވަނަ އަހަރުވެސް ޓިލްމަންގެ ބެލުމުގެ ދަށުން ނޭޕާލާއި ވީފަޅިން ފަރުބަދައަށް އަރަން މަސައްކަތް ކޮށްފައި ވެއެވެ.
1953 ވަނަ އަހަރު އެޑްމަންޑް ހިލަރީ އަދި ޓެންޒިންގ ނޯގޭ ފަރުބަދައަށް އަރާފައިވަނީ ވެސް މިފަޅިންނެވެ. ފަރުބަދައިގެ އެންމެ މައްޗާއި ހަމައަށް ފުރަތަމައެރީ މިދެމީހުންނެވެ. އަދި ފަރުބަދައަށް އެރުމަށް ބޭނުންކުރެވޭ ތަފާތު 15 މަގުގެ ތެރެއިން އެންމެ ފުރަތަމަ ހޯދުނީ ވެސް ނޭޕާލުން އެރޭ މިމަގެވެ. މިދެމީހުންނަށް ފަރުބަދައިގެ އެންމެ މައްޗަށް ވާޞިލްވެވުނީ 1953 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ނޭޕާލުގެ ގަޑިން 11.30 ގައެވެ.
ފުރަތަމަ ފަރުބަދައިގެ އެންމެ މަތީގައި ފައިތިލަ ޖައްސާފައިވަނީ އެޑްމަންޑް ހިލަރީ އެވެ. ފަރުބަދައިގެ އެންމެ މަތީގައި އެދެމީހުން ފޮޓޯ ނެގުމަށްފަހު ބައެއް ކަހަލަ މެޓާ އަދި ޞަލީބެއް ސްނޯގަނޑުގެ ތެރޭގައި ވަޅުލާފައި ވެއެވެ.
1996 ވަނަ އަހަރު ފަރުބަދައިގެ އެންމެ މައްޗަށް އެރުމަށް މަސައްކަތްކުރި 19 މީހަކު މަރުވެފައި ވެއެވެ. އަދި އެއަހަރުވެފައިވަނީ އެވަރެސްޓް ފަރުބަދައިގެ ތާރީޚްގައި ފަރުބަދައަށް އަރަން އުޅުމުގެ ތެރޭގައި އެންމެ ގިނަބަޔަކު މަރުވެ ދިޔަ އަހަރަށެވެ. އެއަހަރު މެއި މަހުގެ 10 ވަނަ ދުވަހު ފަރުބަދައިގެ އެންމެ މައްޗާއި ހަަމައަށް ކައިރިވެފައިވަނިކޮށް 8 މީހަކު މަރުވެފައި ވެއެވެ.
ކުރިން ބުނި ދުވަހު ފިލްމް ޕްރޮޑިއުސަރު ޑޭވިޑް ބްރީޝިއަރގެ ޓީމްވެސް އޭނާގެ ފިލްމް އެވަރެސްޓް ޝޫޓްކުރުމަށް މައްޗަށް އެރުމަށް މަސައްކަތް ކުރިއެވެ. އެދުވަހު ސަލާމަތްވި މީހުންނަށް މިޓީމުން ފަރުބަދަ މަތީގައި އެހީތެރިވެ ދީފައި ވެއެވެ. ޑޭވިޑްގެ ޓީމަށް ފަރުބަދައިގެ އެންމެ މައްޗަށް އެރުނީ 23 މެއި 1996 ގައެވެ. ޑޭވިޑްގެ ޓީމްގައި ޓެންޒިންގ ނޯގޭގެ ދަރި ޖަމްބްލިންގ ޓެންޑިންގ ނޯގޭ ވެސް ހިމެނެއެވެ.
2003 ވަނަ އަހަރުގެ ނިޔަލަށް 1919 މީހުން ފަރުބަދައިގެ އެންމެ މައްޗަށް އަރާފައި ވެއެވެ. އަދި 179 މީހުން ފަރުބަދައިގެ އެންމެ އުހަށް އަރަން އުޅެނިކޮށް މަރުވެފައި ވެއެވެ. 8000 މީޓަރުގެ މަތީގައި އޮކްސިޖަން މާސްކް އަދި ޓޭންކް ބޭނުން ކުރަން ޖެހެއެވެ. މިހިސާބަށް ދީފައިވާ ނަމަކީ މަރުގެ ސަރަހައްދު އެވެ.
View on the majestic Mount Everest from the Rongbuk Monastery
Mount Everest and Nubtse from Kala Patthar
Sagarmatha (Mount Everest) as seen from Kala Pattar
Northern panoramic view of Everest from Tibetan Plateau KS